އަހަރަމެން ސޯޝަލިސްޓުން ގަބޫލު ކުރާ ގޮތުގައި ކެޕިޓަލިސްޓު ނިޒާމުގައި މަދުބަޔަކަށް ލިބޭ މާއްދީ ފައިދާއަކަށްޓަކައި ފައިސާވެރިން ދަނީ ދުނިޔެ ފަނާ ކުރަމުންނެވެ. ހަނގުރާމަ، ވަޒީފާނެތުން، ފަގީރުކަމާއި ބަނޑުހައި ހޫނުކަން،ގެދޮރުގެ ދަތިކަން، ބޭސްފަރުވާ ނުކުރެވުން، އަދި މިނޫނަސް ކިތަންމެ ކަމެއް ސީދާ ގުޅެނީ ކެޕިޓަލިސްޓް ނިޒާމަށެވެ. ދުނިޔޭގެ ގިނަބަޔަކަށް ކެޕިޓަލިސްޓް ނިޒާމުގެ ދަށުގައި މިކަންތަށްތަކަށް ހައްލެއް ލިބޭކަށް ނެތެވެ. ބޭނުންވަނީ މިނިޒާމު އިންގިލާބަކުން ބަދަލު ކުރުމެވެ.
ކެޕިޓަލިޒަމްގެ ކާރިޒާ
ކެޕިޓަލިޒަމް، ނުވަތަ މިހާރު މިހިނގަމުން އަންނަ އިގްތިސާދީ ނިޒާމު، ހިނގަމުން އަންނަނީ ދެދައުރަކަށެވެ. ބޮޑުވެ ހިނގައިގަންނަ ފިޔަވައްސަކާއި އިގްތިސާދު ހީނަރުވާ ފިޔަވައްސެކެވެ. ސަރުކާރުގެ އެހީއާއެކު އިގްތިސާދު ހީނަރުވާ ގަޑިއެއްގައި މިހީނަރުވުން ކޮންމެވެސް ވަރަކަށް ކުޑަކުރެވެއެވެ. ނަމަވެސް މިއިގްތިސާދީ ނިޒާމު ބިނާވެފައިވާ އުސޫލުތަކުގެ ސަބަބުން މިހީނަރުވުމެއް ނުހުއްޓުވޭނެއެވެ. ދޭތެރެ ދޭތެރޭއިން އިގްތިސާދުގައި މިއުފެދޭ ކާރިޒާ އަކީ ފައިދާއަށް ބިނާވެފައިވާ އުފެއްދުންތެރިކަމުގެ ސަބަބުން ދިމާވާ ކަމެކެވެ. އަދި މިކާރިޒާއާ ކުރިމަތިލާ ކޮންމެ ފަހަރަކު މިކަމުގެ އެންމެ ބުރަ އުފުލަނީ މަސައްކަތްތެރީންނެވެ. ވަޒީފާގެއްލުމާއި، ގެއިން ނެރި މަގުމަތިވުމުގެ ބިރެވެ. މަސައްކަތްތެރީންނަށް އޮތީ ދެގޮތެކެވެ. މިއިގްތިސާދީ ނިޒާމުގެ ތެރެއިން ފައިސާވެރިން އިތުރަށް މުއްސަނދިވުމަށް ދޫކޮށްލެވިފައިވާ އޮތުން ބަދަލުކޮށް، ރޭވިގެން ހިންގޭ، މަސައްކަތްތެރީންގެ އިގްތިސާދަކަށް ބަދަލު ކުރުމެވެ. ނުވަތަ އިގްތިސާދާ އެކީ ފަނާވެގެން ދިޔުމެވެ.
ފަންތީގެ ތެރެއިން މަސައްކަތް ތެރީން
އިގްތިސާދު ބަދަލު ކުރުމުގެ ފުރިހަމަ ބާރު އޮތީ މަސައްކަތްތެރީންގެ އަތްމަތީގައެވެ. ކެޕިޓަލިސްޓު ނިޒާމުގެ ސަބަބުން އެންމެ ގެއްލުން ވަނީވެސް މަސައްކަތު ފަންތީގެ މީހުނަށެވެ. ނަމަވެސް މިނިޒާމު ބަދަލު ކުރުމުގެ ބާރު އޮތީވެސް މަސައްކަތްތެރީންގެ އަތްމަތީގައެވެ. މިއީ ގަބޫލު ކުރާން އުދަނގޫ ކަމަކަށް ވެދާނެއެވެ. މަސައްކަތްތެރީންގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ ލިބޭ މުސާރައަށެވެ. ބޮހުންނަށް މަސައްކަތްތެރީންނަށް ބޮޑެތި ގެއްލުން ދިނުމުގެ ފުރުސަތު އޮވެއެވެ. މިއީ ބޮހުގެ އިހްސާންތެރި ކަމުން ދިރި އުޅޭ ބަޔެއް ކަމަށް ހީވެފައި އޮވެއެވެ. ނަމަވެސް ފައިސާވެރިން ފައިސާ އެއްކުރަނީ ކުންފުނިތަކުގެ ފައިދާއިންނެވެ. މިފައިދާ މިލިބެނީ މަސައްކަތްތެރީން ކޮންމެ ދުވަހަކު ބަސްއަހައިގެން ވަޒީފާއަށް ނުކުންނާތީއެވެ. މަސައްކަތްތެރީން އެކުއެކީ މަސައްކަތް ހުއްޓާލައިފި ނަމަ ކުންފުނިތަށް ހުއްޓި ފައިދާ އުފެއްދުން ވެސް ހުއްޓޭނެއެވެ. މިއަށް މިކިޔެނީ ހަޅުތާލެވެ. މިއީ މަސައްކަތްތެރީންގެ އެންމެ އަސާސީ ބާރެވެ. ނަމަވެސް މަސައްކަތްތެރީންގެ ބާރަކީ ހަމައެކަނި ކުންފުނިތަކާއި ހިސާބުން ނިމޭ ބާޜެއް ނޫނެވެ. ފައިސާވެރިން އެކު އެކީ މުޅި ސިޔާސީ ނިޒާމަށް ބާރު ހިންގާ ފަދައިން މަސައްކަތްތެރީންނަށް ވެސް ސިޔާސީ ނިޒާމު ކޮންޓުރޯލު ކުރުމާއި ބާރު ހޯދުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް މިއީ އެކަތި ގަނޑަކަށް ވެ މަސައްކަތްތެރީންގެ ސިޔާސީ ޕާޓީއެއް އުފެއްދުމުން ނޫނީ ނުފެންނަ ބާރެކެވެ.
އިންގިލާބީ ބަދަލު
ކެޕިޓަލިސްޓުން ގެ މުށުން އަހަރަމެންނަށް އިންގިލާބީ ބަދަލަކާއި ނުލާ ސަލާމަތް ވެވޭނެ ކަމަށް ދެކުމަކީ ހުވަފެނެކެވެ. ކެޕިޓަލިސްޓުން އަތުގައި ދައުލަތާއި، މީޑިއާ އަދި މިނޫނަސް ގިނަ ވަސީލަތްތަށް ހުއްޓާ މިއީ ކުރަން ފަސޭހަ ކަމެއްވެސް ނޫނެވެ. އަދި ހަމަ މިފަދައިން ކެޕިޓަލިޒަމްގެ ހުރި ކުދި އުނުތަށް ރަނގަޅުކޮށްލީމާ ހުރިހާ ކަމެއް ރަނގަޅުވާނޭ ކަމަށް ދެކުމަކީވެސް ވަހުމެކެވެ. ނުވަތަ ބޮޑަށް ލާމަރުކަޒީކޮށް ލަނިކޮށް، ނުވަތަ މިމީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި އެކަހެރި މުޖްތަމަޢުއެއް ބިނާ ކުރެވިދާނޭ ކަމަށް ދުށުމަކީވެސް އަވާމެންދުރެކެވެ. މިހެންވެ މުޅި ނިޒާމު އެއްކޮށް ބަދަލު ކުރުމުގެ އަމާޒެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. އަދި މިނިޒާމު ބަދަލު ކުރުމުން މަސައްކަތްތެރީންނަށް ވާނެ ފައިދާ އަންގާ ދިނުމަކީވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ.
އިންގިލާބީ ބަދަލު އާންމުކޮށް މާނަ ކުރެވެނީ ދެގޮތަކަށެވެ. އެއީ ސަރުކާރު ނޫނީ ދައުލަތުގެ ބާރުތަށް އިންގިލާބަކުން ބަދަލު ކުރުން ނުވަތަ އެއްޗެއްގެ ނުވަތަ ކަމެއްގެ ބޮޑު ބަދަލަކަށް ކިޔޭ ނަމެކެވެ. ސޯޝަލިސްޓުން ބޭނުންވަނީ ނިޒާމުގެ އިންގިލާބީ ބަދަލެކެވެ. ނަމަވެސް މިނިޒާމީ ބަދަލު ހޯދުމަށްޓަކައި މާޒީން ފެންނާން ހުރި މިސާލު ތަކުގައި ދައުލަތް އިންގިލާބަކުން ބަދަލު ކޮށްފައިވެސް އެބަހުއްޓެވެ. ނަމަވެސް މިއީ އާންމުކޮށް ޑިމޮކްރެޓިކް ހަމަތަކުން ސޯޝަލިޒަމް ހާސިލް ކުރުމުގެ މަގު ބަންދުވުމުން ކަންކޮށްފައިވާ ގޮތެވެ. ސޯޝަލިސްޓުންނަކީ އެންމެހާ އަސާސުން ސުރެ ޑިމޮކްރެޓިކް ނިޒާމެކެވެ. ޑިމޮކްރެޓިކް ހަމަތަކުން ގިނަބަޔަކަށް އެއްބަސްވެވޭ ގޮތަށް ނިޒާމު ބަދަލު ކުރުމަކީވެސް ސޯޝަލިޒަމްގެ އަސާސެކެވެ. ބާރުތަށް ފެށެން ޖެހޭނީ ތިރިން މައްޗަށް ރައްޔިތުންގެ ކިބައިންނެވެ.
ސޯޝަލިސްޓް ނިޒާމު
އަހަރަމެން ކުރިމަތީގައި ހުރި ގިނަ މައްސަލަ ތަކުގެ އަސްލަކީ މަދު ބަޔަކަށް ފައިދާ ލިބޭގޮތަށް ދުނިޔޭގެ އުފެއްދުންތެރިކަން އެމީހުން ކޮންޓުރޯލު ކުރުމެވެ. އެހެން ވުމުން އަހަރުމެން ކުރިމަތީގައި އޮތް ބޮޑު ސުވާލަކީ ދުނިޔެ ފަނާ ކުރަނިވި ކެޕިޓަލިޒަމް ތޯ ނުވަތަ ސޯޝަލިޒަމްތޯއެވެ. ސޯޝަލިޒަމްގައި މަސައްކަތްތެރީންގެ އުފެއްދުންތެރި ކަމުގެ ފުރިހަމަ މަންފާ ލިބޭނީ މަސައްކަތްތެރީންނަށެވެ. އަދި މުޅި މުޖްތަމައުގެ މުދަލާއި މުއްސަނދިކަމުގެ ހިއްސާދާރުންނަކީ އެންމެނެވެ. މަދުބަޔެއް ނޫނެވެ.